ތިބާ
އެހީތެރިކަމަށް ބޭނުންވެ ވަށައިގެން ބަލާލިހިނދު ހުރިހާ ދޮރުތައް ބަންދުވެ
ސަލާމަތްވެވޭނެ އެއްވެސް ގޮތެއްނެތްފަދަ ޙާލަތެއްގައި ވީންހެއްޔެވެ؟
ދާކޮންމެދިމާއަކުން ދޮރުތައް ބަންދުވެ ތަޅުއެޅުވިފައިވާ ޙާލަތެއްގައި
ވީންހެއްޔެވެ؟ އެހެންކަމުގައި ވަނީ ނަމަ ތިބާއަކީ ނަސީބުވެރިއެއްކަމަށް
ބަލާށެވެ! އެހެނީ އެފަދަ ތަޖުރިބާއެއް ކޮށްފައިވާނަމަ ﷲ ތަޢާލާގެ މި ރީތި
އިސްމުފުޅު ތިބާއަށް ފަހުމުވެ އަގުވަޒަން ކުރެވިގެންދާނެއެވެ
الفَتَّاح އަކީ ހުޅުއްވައިދެއްވާ ފަރާތެވެ
ތިބާގެ
ތަޖުރިބާއަކީ ކުލާހެއްގައި ބުނެދެވޭ އުނދަގޫ މަފްހޫމެއް ފަހުމް ނުވުންފަދަ
ކުޑަކަމަކަށްވެސް ވެދާނެއެވެ. ނުވަތަ ވަޒީފާތަކަށް ކުރިމަތިލައި
ދުވަހަކުވެސް ޖަވާބެއް ނުލިބުންފަދަ ކަމަކަށް ވެދާނެއެވެ. ނުވަތަ މީހަކާއި
ބައްދަލުކުރަން އުޅެ ނުވުންފަދަ ކުޑަކަމަކަށް ވެދާނެއެވެ. ނުވަތަ
މާޔޫސްކަމާއި ހިތްދަތިކަމުން ފުރިގެންވާ މަސައްކަތްތަކެއް ކުރުމުގައި
ތާށިވެފައި ހުންނަން މަޖްބޫރުވުންކަމަށްވެސް ވެދާނެއެވެ
އެފަދަ
ޙާލަތެއްގައި ތިބާއަށްވަނީ ދެ ގޮތެކެވެ. އެއްގޮތަކީ ތަޅުލެވިފައިވާ
ދޮރުގައި ބޯތަޅައި ނިތްކުރި ދުޅަކޮށްލައިގެން އެތަނުގައި ތާށިވެފައި
ނުނިކުމެވި ހުރުމެވެ. ނުވަތަ ތަޅުދަނޑި ބޭނުންކޮށްގެން ދޮރު ހުޅުވާލުމެވެ.
ތަޅުދަނޑިން ދޮރުހުޅުވާލުމަކީ އެންމެ ފުރިހަމައަށް ހުޅުވައިދެއްވާ ފަރާތް
الفَتَّاحގެ ޙަޟްރަތުން އެކަމަށް އެދުމެވެ. ތިބާއަށް، ބަންދުކުރެވިފައިވާ
ދޮރު ހުޅުވޭނީ ﷲ ތަޢާލާ އަކީ ހުޅުއްވައިދެއްވާ ފަރާތްކަން އެނގިގެންނެވެ.
ދަތިކަން ކުރިމަތިވާ ހިނދު އަޅުގަނޑުމެންނަށް الفَتَّاح މިއިސްމުފުޅު
އެނގެން ޖެހެއެވެ. އެހެނީ ﷲތަޢާލާ އެފަދަ ޙާލަތްތަކުގައި އެއިލާހުގެ
މިއިސްމުފުޅު ދަނެގަތުމަށް އެދިވޮޑިގަންނަވައެވެ. ﷲ، الفَتَّاح އަކީ
އަޅުގަނޑުމެން ދަތިއުނދަގޫ ކަމާއި ހިތްދަތިކަމުން ސަލާމަތްވުމުގެ ދޮރު
ހުޅުވައިދެއްވާ ފަރާތެވެ. އެއިލާހީ އެއިލާހުގެ ނިޢުމަތްތަކާއި ރަޙުމަތަށް
މަގުހުޅުއްވައިދެއްވާ ފަރާތެވެ. މިޙަޔާތުގެ ޠަބީޢަތަކީ ދަތިކަމުގެ
ދުވަސްތަކާއި ކުރިމަތިލާން ޖެހުމެވެ. ނަމަވެސް ހަދާންކުރާށެވެ.
ރޭގަނޑަށްފަހު ދުވާލު އާދެއެވެ.[ އެބަހީ ދަތިއުނދަގުލައް ފަހު ހަމަޖެހުން
އާދެއެވެ.] ﷲ އަކީ الفَتَّاح އޭ ބުނެވޭ ބަހުގެ މާނައަކީ އެއިލާހަކީ ދަތި
އުނދަގުލުން ސަލާމަތްވާނެމަގު އެއިލާހުގެ އަޅުތަކުންނަށް ހުޅުއްވައި
ދެއްވާފަރާތެވެ. ވީމާ، ދަތިކަން ކުރިމަތިވާހިނދު އެއީ ކިތަންމެ
ކުޑަކަމެއްވިޔަސް އަދި ކިތަންމެ ބޮޑުކަމެއްވިޔަސް ﷲގެ ސިފަފުޅުތަކުގެ
ތެރެއިން އެއް ސިފަފުޅަކީ الفَتَّاحކަން ހަދާންކޮށް، އެއީ ދަތިކަމުން
ސަލާމަތްވުމުގެ ދޮރުތައް ހުޅުވައިދެއްވާ ފަރާތްކަން ހަދާންކުރާށެވެ! އަދި
ދަތިއުނދަގުލުން ސަލާމަތްވުމަށް މިއިސްމުފުޅުން ދުޢާކުރާށެވެ
ﷲ
ހުޅުވައިދެއްވަނީ ދަތިކަމުން ސަލާމަތްވުމުގެ މަގު އެކަންޏެއްނޫނެވެ.
الفَتَّاح އަކީ ހިތްތައް ހުޅުއްވައިދެއްވާ ފަރާތްވެސްމެއެވެ.
އަޅުގަނޑުމެންގެ ޙަޔާތުގައި އީމާންކަން ބަލިކަށިވެގެންއަންނަ
ދުވަސްތައްވެސް އާދެއެވެ. އަޅުގަނޑުމެންގެ ނަމާދުގެ ޚުޝޫޢަތްތެރިކަން
ދަށްވެގެންދާ ދުވަސްވަރުވެސް އާދެއެވެ. އަދި ﷲއާއި އޮންނަ ގުޅުން
ހީނަރުވެގެން ދާކަން ފާހަގަވެއެވެ. މިފަދަ ދަނޑިވަޅުގައި ﷲއީ ހިތްތައް
ހުޅުއްވައިދެއްވާ ފަރާތްކަން ހަނދުމަކުރާށެވެ! އަދި الفَتَّاح ގެ
އިސްމުފުޅުން ތިބާގެ ހިތް ހުޅުއްވައިދެއްވުމަށްއެދި ދުޢާކުރާށެވެ! އެހެނީ
އެއީ އެއިލާހުގެ ސިފަފުޅުތަކުގެ ތެރެއިން އެއް ސިފަފުޅެވެ.
އެއިލާހަށް
ފުރަގަސް ދިނުމުގައި ބާރުއަޅާ ހިތްތައްވެސް އެއިލާހު ހުޅުވައިދެއްވައެވެ.
ޢުމަރު ރަޟިޔަﷲ ޢަންހު މިއުއްމަތުގެ ރަސޫލާ މުޙައްމަދު ޞައްލަﷲޢަލައިހި
ވަސައްލަމަ އަވަހާރަކޮށްލަން ދިޔަދުވަހު އެކަލޭގެފާނު އިސްލާމްވިގޮތް
ހަދާން ކުރާށެވެ. ﷲ، الفَتَّاح ތެދުމަގުގެ ދޮރުހުޅުވައިދެއްވިއެވެ. ވީމާ
ތިބާއަށް އިސްލާމްދީނާއި ވަރަށް ދުރުގައިވާ މީހުން ފެނުނުކަމުގައިވިޔަސް
އެމީހުންނާއިމެދު ގޮތްކަނޑަނާޅާށެވެ. ޢުމަރު ރަޟިޔަﷲގެ ހިތް ﷲ، الفَتَّاح
ހުޅުވައިދެއްވައި އުއްމަތުގެ އެންމެ ހެޔޮމީހުންގެތެރޭގައި އެކަލޭގެފާނު
ލެއްވިގޮތަށް އެބައިމީހުންގެ ހިތްތައް ހުޅުވައިދެއްވުމުގެ ކުޅާދާނަކަން
އެއިލާހަށް ލިބިވޮޑިގެންވާކަން ހަނދުމަކުރާށެވެ
ﷲ،
الفَتَّاح އަކީ ޢިލްމަށް ދޮރު ހުޅުއްވައިދެއްވާ ފަރާތްވެސްމެއެވެ. އެއީ
ދުނިޔެވީ ޢިލްމުކަމުގައިވިޔަސް އަދި ދީނުގެ ޢިލްމުކަމުގައިވިޔަސްމެއެވެ.
ތިބާ މިވަގުތު މި އިސްމުފުޅުތައް އަޑުއަހަމުންދަނީވެސް ﷲތަޢާލާ އެއިލާހު
މަޢުރިފާކޮށް ދެނެގަތުމުގެ ޢިލްމަށް ތިބާއަށް ދޮރުހުޅުވުން
މިންވަރުކޮށްދެއްވީމައެވެ. ޢިލްމަށް މަގު ފަހިކޮށް ދެއްވުމުގެ އެންމެ ބޮޑު
ހެތްކަކީ ކީރިތި ޤުރުއާނެވެ
الفَتَّاح
ގެ އަނެއް ސިފަފުޅަކީ އެއިލާހުގެ އަޅުންނަށް އެންމެ ރަނގަޅު މަގަށް
މަގުހުޅުއްވައި ދެއްވައި އެމީހުންގެ މަގުސީދާ ކުރެއްވުމެވެ.
އަޅުގަނޑުމެންނަށް ކުރިމަތިވާ އެންމެ ޢާއްމު އެއްކަމަކީ ދުނިޔޭގެ
އަގުހުރިކަމެއް ގެއްލިދާނެކަމުގެ ބިރަށްޓަކައި ޙަރާމްކަމެއް
އިޚްތިޔާރުކުރުމެވެ. މިސާލަކަށް ރިބާގެ މުޢާމަލާތް ކުރުމެވެ. ގެއެއް ނުވަތަ
ކާރެއް ގަންނަން ނުވަތަ ވިޔަފާރިއެއްފަށަން ބަލާއިރު ހީވަނީ
ލޯނެއްނަގައިގެން ރިބާދެއްކުންނޫން އެހެންގޮތެއް ނެތްކަމަށެވެ. ﷲގެ
ޙަޟްރަތުގައި މިއީ ކިހާބޮޑު ފާފައެއްކަން އެނގޭ ޙާލުގައެވެ.
އަޅުގަނޑުމެންގެ ތެރެއިން ބައެއްމީހުން މީގެތެރެއަށް ވަދެގަންނަނީ އަމިއްލަ
ނަފްސު މޮޔަހައްދާލަން ވަރަށް ގިނަ ސަބަބުތަކާއި ބަހަނާތައް
ދައްކައިގެންނެވެ. ނަމަވެސް ﷲ ތަޢާލާ ހިދާޔަތާއި ތެދުމަގެއްކަމުގައި
އަޅުގަނޑުމެންގެ މައްޗަށް ފޮނުއްވި ޤުރުއާނުގެ ބޭނުންހިފާމީހުން އެއާއިމެދު
ވިސްނާ ފިކުރުކުރަންޖެހޭގޮތަށް ވިސްނައި އެގޮތަށް ދިރިއުޅުންބައްޓަން
ކުރެއެވެ. އަދި އަޅުގަނޑުމެންނާއި މިމައްސަލަތަކާއި ކުރިމަތިލާން
ޖެހޭނެކަން ﷲ މޮޅަށް ދެނެވޮޑިގެންވާކަމާއި އަދި އެއިލާހު އެކަމަށް ޙައްލު
ހޯއްދަވައި ދެއްވާނެކަން ދަންނާނެއެވެ. އަދި އަޅުގަނޑުމެން އެއިލާހުގެ
އެންގެވުންތަކަށް ތަބަޢަވާހާ ހިނދަކު އަޅުގަނޑުމެންނަށް ކާމިޔާބާއި ނަޞްރު
ދެއްވާނެއެވެ
ﷲ ތަޢާލާ ސޫރަތުލް ބަޤަރާގެ 268 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ
الشَّيْطَانُ
يَعِدُكُمُ الْفَقْرَ وَيَأْمُرُكُم بِالْفَحْشَاءِ ۖ وَاللَّـهُ
يَعِدُكُم مَّغْفِرَةً مِّنْهُ وَفَضْلًا ۗ وَاللَّـهُ وَاسِعٌ عَلِيمٌ
())٢٦٨
فقير
ވެދާނޭ ކަމުގެ ބިރުން، ތިޔަބައިމީހުންނަށް شيطان އާ ބިރުދައްކަތެވެ. އަދި،
އެ شيطان އާ ތިޔަބައިމީހުންނަށް ނުބައިކަންތަކަށް އަމުރުކުރެތެވެ. اللَّه،
ތިޔަބައިމީހުންނަށް وعد ކުރައްވަނީ، އެކަލާނގެ حضرة ން ތިޔަބައިމީހުންނަށް
ފާފަފުއްސެވުމާއި، فضل ވަންތަ ކަމަށެވެ. اللَّه އީ، ތަނަވަސްވަންތަ،
މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
وَمَن
يَتَّقِ اللَّـهَ يَجْعَل لَّهُ مَخْرَجًا ﴿٢﴾ وَيَرْزُقْهُ مِنْ حَيْثُ
لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى اللَّـهِ فَهُوَ حَسْبُهُ ۚ
إِنَّ اللَّـهَ بَالِغُ أَمْرِهِ ۚ قَدْ جَعَلَ اللَّـهُ لِكُلِّ شَيْءٍ
قَدْرًا ﴿٣﴾
އަދި
اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާއަށް ނުކުންނާނެ
މަގެއް ދައްކަވާނެތެވެ. އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ
އޭނާއަށް رزق ދެއްވާނެތެވެ. އަދި اللَّه އަށް وكيل ކުރާމީހާ (ދަންނާށެވެ!)
ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، اللَّه އީ، އެކަލާނގެ
أمر ފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން،
اللَّه ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެއެވެ
އަޅުގަނޑު
މިހާހިސާބުން ވަރަށް އަސަރު ކުރުވަނިވި ޙަޤީޤީ ވާހަކައެއް ކިޔައި
ދޭނަމެވެ. އަޅުގަނޑުގެ ގޭގެ ޚާދިމަކު ވިއެވެ. އޭނާއަކީ ވަރަށް ބުރަކޮށް
މަސައްކަތްކުރާ މީހެކެވެ. އޭނާގެ ފިރިމީހާވަނީ އޭނާ ދޫކޮށްފައެވެ. އަދި
އަންހެން ކުއްޖެއް އޭނާގެ ހުރެއެވެ. އެއްދުވަހަކު އަހަރެންގެ ގާތަށް އޭނާ
އައިސް ބުންޏެވެ. "އަހަރެން އަދާކުރަންޖެހޭ ވަރަށްބައިވަރު ދަރަނި
އެބަހުއްޓެވެ. އަދި އެ އަދާކުރެވޭނެ ހަމައެކަނިގޮތަކީ ރިބާގެ
ލޯނެއްނަގައިގެން އަހަރެންގެ ގޭގެ އިތުރު ބައެއް ހެދުމެވެ. އަދި އެތަން
ކުއްޔަށްދީގެން ލާރިހޯދުމެވެ." އަޅުގަނޑު އޭނާއަށް ރިބާގެ މުޢާމަލާތަކީ
ކިހާ ބޮޑު ފާފައެއްކަން ބުނެދީ ރިބާއާއި ދުރުވުމަށް ވަރަށްބޮޑަށް
ނަޞޭޙަތްތެރިވީމެވެ. އިސްވެ ދެންނެވި އާޔަތްތަކުގެ އަލީގައިﷲތަޢާލާގެ
ވަޢުދުތައް އޭނާއަށް ކިޔައިދިނީމެވެ. އަދި އެފާފައާއި ދުރުހެލިވެއްޖެނަމަ
އޭނާ ހީވެސްނުކުރާ ފަދަގޮތަކަށް އޭނާއަށް އެހީތެރިވެ ވޮޑިގަންނަވާނެކަން
ބުނެދިނީމެވެ. ގިނައިރުތަކެއްވަންދެން އޭނާއަށް ވިސްނައިދިނުމަށް
މަސައްކަތް ކުރެވުނުފަހުން އެންމެފަހުން ލޯނުނެގުމުގެ ހުރިހާކަމެއް
ހުއްޓާލުމަށް އޭނާ ނިންމިއެވެ. އޭރު ލޯނުގެ ހުރިހާކަމެއްވަނީ ނިމުމަކާއި
ހަމައަށް ގޮސްފައެވެ
އަނެއްދުވަހު އޭނާގެ ދެލޯ ކަރުނައިން ފުރިގެންވާޙާލު
އަހަރެންގެގާތަށް އައިސް ބައްދަލުކުރިއެވެ. އަދި ﷲއަށްޓަކައި ކަމެއް
ޤުރުބާންކޮށްލުމުން މިލިބުނު ހިތްހަމަޖެހުމާއި އުފާ މީގެކުރިން
ދުވަހަކުވެސް އިޙްސާސްކުރެވިފައިނުވާކަމަށް ބުންޏެވެ. އޭނާގެ ދެލޯ
ކަރުނައިން ފުރިގެންވާޙާލު އަޅުގަނޑާއި ބައްދަލު ކުރުމުގެ ކުރިން
ކަމެއްހިނގާފައިވެއެވެ. ރިބާގެ މުޢާމަލާތް ކުރުމާއި ދުރުހެލިވާ މީހުންނަށް،
އެހީތެރިވުމުގެ ނިޔަތުގައި މަސައްކަތްކުރާ ދެމީހަކު، އޭނާގެ ދަރަނި
އަދާވަންދެން މަހަކު ވަކިވަރެއް ދައްކައިދޭން ހުށަހެޅިއެވެ. އަދި ޖެހިގެން
އައިދުވަހު އިތުރު އެހެން މީހަކު އޭނާއާއި އެހީވުމަށް ގުޅުނެވެ.
މިފަރާތްތަކުގެ އެހީ ހިސާބުކޮށްލިއިރު މަދު މަސްތަކެއްގެ ތެރޭގައި އޭނާގެ
ދަރަނި އަދާކުރެވޭ ވަރުވެއެވެ. ސުބުޙާނަﷲ.އެވެ. އޭގެ އެއްދުވަސްފަހުން
އުފަލުން ފޮޅިފައިވާޙާލު އޭނާ އަހަންނާ ބައްދަލު ކުރިއެވެ. އޭނާގެ ގެ
ކުއްޔަށް ހިފާނެ 5 މީހުން ލިބުނެވެ. ކޮންމެ މީހަކަށް 3000ރުޕީސް
ގެމަގުންނެވެ. އޭގެ ދެދުވަސްފަހުން އޭނާ ކުރީގައި މަސައްކަތްކުރި
ފެކްޓްރީއެއްގައި ނުނަގާހުރި އެލަވެންސްގެ ފައިސާތަކެއް ކަމުގައިވާ
25000ރުޕީސް ހުރިކަންއެންގުނެވެ. މިއީ އޭނާއަށް ލިބެންހުރިއެއްޗެއްކަން
ކުރީގައިނުވެސް އެނގި ހުރި އެއްޗެކެވެ. އެއްހަފްތާފަހުން ފިރިން އަޅާނުލާ
ދޫކޮށްފައިތިބޭ އަންހެނުންނަށް ސަރުކާރުގެ ޕެންޝަނުން އޭނާއަށް
50،000ރުޕީސްގެ އެހީ ހަމަޖެހިގެންއައެވެ. އެއީ އޭނާ އޭގެ އެތައްޒަމާނެއް
ކުރިން ހުށަހަޅައި އޭގެ ޚަބަރެއްނުވުމުގެ ސަބަބުން މުޅިން އެއްކޮށް
އުއްމީދު ކަނޑާލާފައިވާ އެއްޗެކެވެ
މިފަހަރު
އޭނާ އަހަރެންގެ ގާތަށްއައީ ވަރަށް ޙައިރާންވެ ޝޮކްޖެހިގެންވާ ޙާލުގައެވެ.
އަދި ސުވާލުކުރިއެވެ. ތިބާ ތިމަންނައަށް މިހެދީ ކޮންގޮތެއްހެއްޔެވެ.
ކޮންޖާދުލެއްހެއްޔެވެ. ކުއްލިއަކަށް ތިމަންނައަށް އެއިން ކުރާނީ
ކީއްކަންވެސް ނޭގޭވަރަށް ތިމަންނަގެ އަތްމައްޗަށް ލާރިއަރައިފިއެވެ. الله
أكبر... އަހަރެން އޭނާއަށް ބުނީމެވެ. އެއީ އަހަންނެއްނޫނެވެ. އެކަން
މިންވަރު ކުރެއްވީ އަހަރެން ތިބާއަށް އެކަން ކޮށްދެއްވާނެކަމަށް
ވަޢުދުވިފަރާތުންނެވެ. އަހަރެން އޭނާއަށް ﷲގެ ވަޢުދުފުޅުތަކާއި އެއްގޮތަށް
އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން ދިންނަމަވެސް އެކަން ހިނގީ އަހަރެން
ޚިޔާލަށްވެސް ނުގެނެވޭ މިންވަރަށެވެ. އަހަރެންގެ ލޯ ކަރުނައިން ފުރިގެން
ދިޔައީ އަހަރެން އެފަރާތަކާއި ބެހޭގޮތުން ޔަޤީންކަން ދިންފަރާތުން އެކަން
ފުރިހަމަކޮށްދެއްވީމަ އެއްނޫނެވެ. އެކަން ފުރިހަމަކޮށްދެއްވުމުގައި ހިތަށް
ތަޞައްވުރުވެސް ކުރެވިފައިނުވާ މިންވަރަށް ދީލަތިވެވޮޑިގެންނެވުމުންނެވެ.
އަބަދުވެސް އެއީ ﷲގެ ސުންނަތެވެ. ﷲ ޙައްލެއް ހޯއްދަވައި ދެއްވާއިރު
އަޅުގަނޑުމެން އުއްމީދުކުރާވަރަށްވުރެ އިތުރު ކުރައްވައެވެ. ޞަފާ އާއި
މަރުވާ އާއި ދެމެދު ޙާޖަރު ދުވެވަޑައިގެންނެވިއރު އެކަމަނާގެ އުއްމީދަކީ
އެކަމަނާގެ ދަރިކަލުންނަށް ބޯންދޭނެ އެއްޗެއް ލިބުމެވެ. ނުވަތަ
އެހީތެރިވެދޭނެ ބަޔަކު ފެނުމެވެ. އެކަމަނާ ދުވެވަޑައިގެންނެވުން ހުއްޓަވާ
ނުލައްވައެވެ. ﷲތަޢާލާ އެކަމަނާގެ ދަރިކަލުންނަށް ބޯނެ އެއްޗެއް ހަމައެކަނި
ދެއްވީއެއްނޫނެވެ. އެކަމަނާއަށް ޒަމް ޒަމް ދެއްވިއެވެ. އަދި ޒަމްޒަމް
ވެގެން ދިޔައީ މީސްތަކުންނަށް އެތާ ވަޒަންވެރިވުމަށް ހުޅުވުނު ދޮރަކަށެވެ.
ޒަމްޒަމް ވެގެން ދިޔައީ ހަމައެކަނި އެކަމަނާގެ ދަރިކަލުންނަށް ފެން ލިބުނު
ވަޞީލަތަކަށް އެކަންޏެއް ނޫނެވެ. އެތައް ބަޔަކަށް މިއަދާއި ހަމަޔަށް މެދު
ކެނޑުމެއްނެތި އެރިޒުޤު ލިބެމުން އައިސްފައިވެއެވެ
ތިބާގެ
ޙާޔާތުގެ ކޮންމެވެސް ހިސާބެއްގައި ތިބާއަށް ﷲގެ އެންގެވުންތަކާއި
އެއްގޮތަށް ޢަމަލުކުރުމަށް އަދި ނަހީ ކުރެއްވިކަމަކަށް އަރައިގަތުމުން
ދުރުހެލިވުމަށް ދަތިވާ ޙާލަތެއް އަތުވެދާނެއެވެ. ބުއްދިވެރިއަކީ ދަތިކަން
އިތުރުވާވަރަކަށް އޭގެ ފަހަތުގައި ތިބާއަށްޓަކައި ވަރަށް ޚާއްޞަ
ނިއުމަތެއްވާކަން ދަންނަމީހާއެވެ. ތިބާ އިޚްތިޔާރު ކުރާނެ ގޮތެއް ނިންމާނީ
ހަމަ ތިބާއެވެ. ތިބާ ޝައިޠާނާގެ އަނދަވަޅަށް ނުވެއްޓި ﷲގެ މަގުގައި
ސާބަތިތުވެ ދަތިކަން އޭގެ އެންމެ މައްޗަށް ދާހިނދު الفَتَّاح ގެ މަތިވެރި
އިސްމުފުޅުން ދުޢާކޮށް ވާތްގަށް އެދެފިނަމަ ދަންނާށެވެ! ތިބާ ހީނުކުރާފަދަ
ޢަޖާއިބު ކުރުވަނިވިކަންތައް ތިބާގެ ޙަޔާތައް ލިބިގެންދާނެ ވަގުތު އެވަނީ
ޖެހިފައެވެ

No comments:
Post a Comment